ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ތަރިން އިއުލާންކޮށްފި
11 އޭޕްރީލް 2018
މަޝްހޫރު ފިލްމީ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއި ފިލްމު "ނިވައިރޯޅި" ފިލްމުގައި ހިމެނޭ ތަރިން އިއުލާންކޮށްފި އެވެ.
ނިވައިރޯޅީގެ ތަރިން އިއުލާންކޮށްފައިވަނީ މިކަމަށްޓަކައި ރޭ ރާނބާ ރެސްޓޯރަންޓުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. މޫމިން ފުއާދު ޑައިރެކްޓް ކުރާ ނިވައިރޯޅި އަކީ ކެމެރާ ކުރިމަތިން ނިއުމާ ފެންނާނެ އެންމެ ފަހު ފިލްމެވެ.
އެހެންކަމުން މި ފިލްމަކީ ހުރިހާ ގޮތަކުންވެސް ހާއްސަ ފިލްމަކަށް ހެދުމަށް ނިއުމާ ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މިފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެނީ އަހްމަދު ޒިޔާ، ފާތިމަތު ޒީނަތު (ޒީތު)، އައިމިނަތު ރިޝްފާ، އައިމިނަތު އިޝާލް ރަޝީދު، އަހްމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އަޒްމީން (އަޒޭ)، އަހްމަދު އާސިފް، މަރިޔަމް ޝަކީލާ، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު، މަރިޔަމް ހަލީމް، އައިމިނަތު ރަޝީދާ (އައިންތު)، ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ނިއުމާ މުހައްމަދެވެ.
މިދިޔަ މާޗް މަހު ޝޫޓިން ފަށާފައިވާ މި ފިލްމަކީ ވަރަށް ގިނަ ގޮތްގޮތުން ހާއްސަ ވާނެ ފިލްމެއް ކަމަށް ނިއުމާ ބުނެ އެވެ.
ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މާލެއާއި މާލެ ކައިރީގެ ބައެއް ރަށްރަށުގަ އެވެ.
ނިއުމާ ބުނީ ފިލްމުގެ ޝޫޓިން ލަސްވި އެއް ސަބަބަކީ ނިއުމާގެ ހަށިގަނޑު ރީތި މިންވަރަކަށް ފަލަ ކޮށްލުމަށް ވަގުތުކޮޅެއް ނެގުމުން ކަމަށެވެ. މާ ބޮޑަށް ހަށިގަނޑު ހިކިފައިވާތީ ބަރުދަން ބަރުކޮށްލަން ބޭނުންވާތީ ނިއުމާ ގެންދަނީ ބަރުވާން މިހާރުވެސް މަސައްކަތް ކުރަމުންނެވެ. ނިއުމާގެ ވަދާއީ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ނިއުމާގެ އުފަންދުވަސް ކަމަށްވާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެހެންނަމަވެސް މިއަހަރުގެ އޮކްޓޯބަރު މަހަކީ ރާއްޖޭގެ ސިޔާސީ މަޝްރަހް ހަލަބޮލިވާނެ ކަމަށް ލަފާ ކުރެވޭ ދުވަސްވަރަކަށްވާތީ ނިއުމާ ގަސްތުކޮށްފައިވަނީ މި ފިލްމު އޭގެ ކުރިން ރިލީޒް ކުރަން ޖެހިއްޖެ ނަމަ ރިލީޒް ކުރުމަށެވެ.
އާޓިކަލް: http://vnews.mv/97798
Comments
Post a Comment