ނިއުމާގެ "ސެލެބްރޭޓިން 20" އޮކްޓޯބަރުގައި ރިލީޒް ކުރަނީ





17 އޯގަސްޓް 2016

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް 20 އަހަރު ފުރުމާ ދިމާކޮށް ބެލުންތެރިންނަށް ހަދިޔާއެއްގެ ގޮތުގައި ދޭން ނިންމި ވީސީޑީ "ސެލެބްރޭޓިން 20" އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ރިލީޒް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.
މި ވީސީޑީއަކީ 2014 ގައި ލޯންޗްކޮށް، ހަމަ އެ އަހަރު ރިލީޒް ކުރަން ނިންމި އެއްޗެކެވެ
ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާތަކާއި ލަވަތަކެއް ކުޅެ އެތައް އެވޯޑެއް ހޯދާފައިވާ ބަތަލާ ފިލްމީ ދާއިރާގައި އުޅޭތާ 20 އަހަރުވީ 2014 ގަ އެވެ. ނިއުމާ ފިލްމީ ދާއިރާ އަށް ނިކުތީ 1994ގަ އެވެ. "ފިލްމީ ކެރިއަރަށް ވިހި އަހަރު ފާހަގަކުރުމާ ދިމާކޮށް 2014 ގައި ސެލެބްރޭޓިން 20 ރިލީޒް ކުރަން ނިންމި ނަމަވެސް މީގައި މަސައްކަތް ކުރާ އެކި މީހުން އެކި ކަންކަމުގައި ބިޒީވުމާއި ފައިނޭންޝަލް ދަތިތަކާ ހެދި އަސްލު މަސައްކަތް މަޑު ޖެހިފައި އޮތީ،" ނިއުމާ ބުންޏެވެ. ބޯނަސް ލަވައަކާ އެކު ޖުމްލަ ނުވަ ލަވަ ހިމެނޭ "ސެލެބްރޭޓިން 20" ގެ މަސައްކަތް ނިންމުމަށް މިހާރު އަމާޒު ހިފާފައިވާ އިރު، ވީސީޑީގެ ތިން ލަވައެއް ނިންމައި، ދެ ލަވަ މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއީ ނިއުމާގެ އަޑުން ކިޔާފައިވާ "ބެރުވެރިޔާ" އާއި "މޫނޭ ތިއީ ހިތް އެދޭ" އެވެ.

"މިހާރު އަލުން މަސައްކަތް ފަށައި ގަންނަން މި ތައްޔާރު ވަނީ. ދެ ލަވައެއްގެ ޝޫޓިން އަށް ފުރަން މިހާރު ރެޑީވަމުން މި އަންނަނީ،" ދިވެހިންގެ ތެރޭގައި މަޝްހޫރު ކުރީގެ ލަވަތަކާއި އަމިއްލަ ރާގުގެ ލަވަތައް ވެސް ހިމަނައިގެން ހަދާ ވީސީޑީ އާ ބެހޭ ގޮތުން ނިއުމާ ބުންޏެވެ. 

"އަދި ފަހަރުގައި އިތުރު ލަވައަކުން ނިއުމާގެ އަޑު ވެސް އިވުން އެކަށީގެންވޭ." އޭނާ ބުނި ގޮތުގައި "ސެލެބްރޭޓިން 20" ބެލުންތެރިންނަށް ދޫކޮށްލާނީ ވީ އެންމެ ރަނގަޅަކަށް މަސައްކަތްކޮށް، ވަރަށް ރީތި، ހިތްގައިމު ލަވަތަކެއް ހިމެނޭ ސީޑީއެއްގެ ގޮތުގަ އެވެ. "ހަމަ ގައިމު ވެސް ބެލުންތެރިން ޑިސަޕޮއިންޓެއް ނުވާނެ މީގެ ހުރި ލަވަތައް ބާލާފައި،" ސޭންޑީގެ ކޮސްޓިއުމްތަކާއި އިސްމާއީލް ޖުމައިހް (ޖުމާ) ގެ މޭކަޕް ފެނިގެންދާ ސީޑީ އާ ބެހޭ ގޮތުން ނިއުމާ ބުންޏެވެ.

"އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ވީސީޑީ ރިލީޒް ކުރެވޭތޯ މިހާރު މި މަސައްކަތް ކުރަނީ." "ސެލެބްރޭޓިން 20" ގެ ލަވަތަކުން އަންހެން ތަރިއަކަށް ފެންނާނީ މުޅިން ވެސް ނިއުމާ އެވެ. އެކަމަކު ނިއުމާއާ އެކު ލަވަތަކުން ތަފާތު އެކްޓަރުން ފެނިގެން ދާނެ އެވެ. އަދި ލަވަތަކުގެ ޑައިރެކްޝަން ވެސް ހަދާނީ އެކި ޑައިރެކްޓަރުން ކަމަށް ނިއުމާ ބުންޏެވެ. ކުރިން ނިންމާލި ތިން ލަވައިގެ ޑައިރެކްޝަން ހަދައިފައި ވަނީ "ބެރުވެރިޔާ" ލަވައިން ނިއުމާ އާ އެކު ފެނިގެންދާ އަޖްނާޒް އަލީ އެވެ.




ނިއުމާ ބުނީ "ސެލެބްރޭޓިން 20" އޮކްޓޯބަރުގައި ރިލީޒް ކުރާ އިރު، ފޭނުންނަށް ވަރަށް ހާއްސަ ދެ ސަޕްރައިޒެއް ވެސް ދޭނެ ކަމަށެވެ.


އާރޓިކަލް؛ https://mihaaru.com/entertainment/4623#

Comments

Popular posts from this blog

Niuma Mohamed ready to quit acting, announces tell-all biography

ފާއިތުވި 23 އަހަރަކީ ފަސޭހަ ދުވަސްތަކެއް ނޫން: ނިއުމާ