"ބައިވެރިޔާ" އަކީ ކޮމެޑީއެއް، މި އަހަރު ސްކްރީނަށް
މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ގުޅިގެން "ބައިވެރިޔާ" ގެ ނަމުގައި ކޮމެޑީ ފިލްމެއްގެ މަސައްކަތް ފަށައި، ފިލްމުގެ ބޮޑު ބައި ނިންމާލައިފި އެވެ. މީގެ ތިން އަހަރު ކުރިން ޝަފީގު ގެންގުޅެމުން އައި ހިޔާލަކަށް ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްޕްރީންޕްލޭ ލިޔެ، ޑައިރެކްޓް ކުރާ "ބައިވެރިޔާ" އަކީ ބޮޑު ކާސްޓެއް ވެސް ހިމެނޭ ފިލްމެކެވެ. ފިލްމުގެ ތަރިންގެ ތެރޭގައި ޔޫއްޕެ، ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަލީހާ ވަހީދު (މަލް)، އަހުމަދު ސައީދު، އަހުމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ސުނީ އަދި އަހުމަދު ޝިބާއު ފަދަ ތަރިން ހިމެނެ އެވެ. "އިންސާފު" އާއި "24 ގަޑި އިރު" ވެސް ބެލުންތެރިންނަށް ގެނެސް ދިން ޕްރޮޑިއުސަރު ޝަފީގް ބުނީ "ބައިވެރިޔާ" އަކީ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުދައިވޭ ކޮމެޑީ ފިލްމެއް ކަމަށެވެ. އެކަމަކު ފިލްމުގައި ކޮންމެވެސް ވަރަކަށް ލޯބީގެ ރަހަތައް ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
"ބެލުންތެރިންނަށް ފިލްމް ކަމުދާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. މަޖާ އަދި ރީތި ފިލްމެއް އަހަރެމެންގެ ޓީމުން ގެނެސް ދޭނެ،" މާލެ އާއި ހުޅުމާލޭގައި ޝޫޓް ކުރާ ފިލްމާ ބެހޭ ގޮތުން ޝަފީގް ބުންޏެވެ.
"ބައިވެރިޔާ" ގެ ޝޫޓިންގެ 70 ޕަސަންޓް ނިންމާލައި، އެޑިޓިންގެ ވެސް ބޮޑު ބައި މިހާރު ވަނީ ނިންމާލައިފަ އެވެ. ފިލްމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ.
"ފިލްމުގައި ދެން ބާކީ އޮތީ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ މަސައްކަތް. ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިންމާލާފައި ޝޫޓިންގެ ބާކީ ހުރި މަންޒަރުތައް ވެސް ނަގައި ނިންމައި ލެވޭނެ،" މާސްކޭ ކެމެރާ ކުރާ ފިލްމާ ބެހޭ ގޮތުން ޕްރޮޑިއުސަރު ބުންޏެވެ.
"ފިލްމުގެ މަސައްކަތް ކުރިއަށް މި ގެންދަނީ ޑަބިން ވެސް ވަކިން ކުރަން ނުޖެހޭ ގޮތަށް."
އޭނާ ބުނީ ބޮޑު ކާސްޓަކާ އެކު ފިލްމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ބާރަށް، ވަރަށް ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ.
"ވަރަށް ހިތްހަމަޖެހޭ ގޮތަށް މިހާތަނަށް މަސައްކަތް ކުރިއަށް ގެންދެވިފައި އޮތީ. ކްރޫ ވަރަށް ސަޕޯޓިވް،" ޝަފީގް ބުންޏެވެ.
"ބައިވެރިޔާ" މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒް ކުރަން ވެސް ވަނީ ތާވަލްކޮށްފަ އެވެ. ޝަފީގް ބުނީ އޮލިމްޕަސް ލިބޭ ގޮތަކުން ފިލްމް އެއަށް ވުރެ އަވަސްވުން ވެސް އެކަށީގެންވާ ކަމަށެވެ.
"އޮލިމްޕަސް ލިބޭ ގޮތަކުން ފިލްމް ސެޕްޓެމްބަރަށް ވުރެ އަވަހަށް ވެސް ރިލީޒް ވެދާނެ. ނޫނީ އެއަށް ވުރެ ފަސް ވެސް ވެދާނެ،" ޕްރޮމޯޝަނަލް ލަވައަކާ އެކު އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭ ފިލްމާ ބެހޭ ގޮތުން ޝަފީގް ބުންޏެވެ.
"ފިލްމް މި އަހަރު ފެންނާނެ."
Comments
Post a Comment