ނިއުމާގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ޓީޒާ ދައްކާލައިފި


22 ނޮވެމްބަރ 2017  
މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ބޮޑު ސްކްރީނުން ފެންނަ އެންމެ ފަހު ފިލްމް "ނިވައިރޯޅި" ގެ ޓީޒާ ދައްކާލައިފި އެވެ. ޓީޒާގައި ފެންނަނީ އަނިޔާތަކެއްގެ ޝިކާރައަކަށްވެފައިވާ ނިއުމާ އަމިއްލަ އަށް އޭނާގެ ބޯ ބިއްލޫރިގަނޑެއްގައި އަޅާ ތަން އެކަންޏެވެ. "ނިވައިރޯޅި" އަކީ މިދިޔަ އަހަރު ބޭއްވި ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. އެކަމަކު މި ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ފިލްމް ރަސްމީކޮށް ލޯންޗް ކުރީ ނިއުމާ ފިލްމީ ދާއިރާގައި އުޅޭތާ 20 އަހަރު ފާހަގަ ކުރަން ތައްޔާރު ކުރި ލަވަ ކަލެކްޝަން "ސެލެބްރޭޓިން 20" ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި މިދިޔަ މަހުގެ 20 ގަ އެވެ. އެ ހަފުލާގައި ނިއުމާ ވަނީ "ނިވައިރޯޅި" އަށް ފަހު، ފިލްމް ކުޅުމުން އެއްކޮށް ހުއްޓާލިކަން ވެސް އިއުލާންކޮށްފަ އެވެ. "ނިވައިރޯޅި" ވެގެން ދާނީ 2011 ގައި މޫމިން ގެނެސް ދިން ކާމިޔާބު ފިލްމް "ލޫދިފާ" އަށް ފަހު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމަށެވެ. ބެލެވޭ ގޮތުން މި ފިލްމް ސްކްރީނަށް އަންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ނިއުމާ ވަނީ ކުރިން ވެސް މޫމިންއާ އެކު ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ ރާއްޖޭގެ ފުރަތަމަ އެންތޮލީ ފިލްމް "ހަތަރު ހަޅަ" އެވެ. ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ ފިލްމްގައި މޫމިން ޑައިރެކްޓްކޮށްފައިވާ ސެގްމަންޓް "ބައިވެރިޔާ" ގެ ބަތަލާއަކީ ނިއުމާ އެވެ. އެކަމަކު 2013 ގައި މަސައްކަތް ފެށި އެ ފިލްމް އަދި އޮތީ ރިލީޒް ނުކޮށެވެ. ނިއުމާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ މި އަހަރުގެ އޮގަސްޓްގައި ރިލީޒް ކުރި ފިލްމް "ނޯޓީ 40" ގެ ސްޕެޝަލް އެޕެއެރަންސަކުންނެވެ.

އާރޓިކަލް؛ https://mihaaru.com/entertainment/27012

Comments

Popular posts from this blog

Niuma Mohamed ready to quit acting, announces tell-all biography

ނިއުމާގެ "ސެލެބްރޭޓިން 20" އޮކްޓޯބަރުގައި ރިލީޒް ކުރަނީ

ނިއުމާ ދެވަނަ ޑައިރެކްޝަނަކަށް ތައްޔާރު ވަނީ