ނިއުމާގެ "ސެލެބްރޭޓިން 20" އަލްބަމް ނެރެފި
21 އޮކްޓޯބަރ 2017
ދިވެހި ފިލްމީތަރި ނިއުމާ މުހައްމަދު ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރު ފާހަގަ ކުރުމަށް "ސެލެބްރޭޓިން 20"ގެ ނަމުގައި ލަވަ އަލްބަމެއް ނެރެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި މި ލަވަ އަލްބަމް ނެރެދެއްވީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތައުފީގެވެ. މި އަލްބަމްގެ މަސައްކަތް ނިއުމާ ފަށާފައިވަނީ މީގެ ފަސް އަހަރު ކުރިންނެވެ. މިރޭ އަލްބަމް ލޯންޗްކުރި އިރު އަލްބަމްގައި ހަތް ވީޑިއޯ ލަވަ ހިމެނޭނެއެވެ. ނިއުމާ ބުނީ މި އަލްބަމް ބެލުންތެރިންނަށް ދޫކުރާނީ ޕެން ޑްރައިވްއެއްގެ ގޮތުގައި ކަމަށެވެ.
"މި އަލްބަމް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް އާންމުކޮށް އަލްބަމް ލިބޭނީ އަންގާރަ ދުވަހުން ފެށިގެން. އޭގެ ކުރިން ބޭނުންނަ ކޮންމެ ބޭފުޅަކުވެސް އަޅުގަނޑުގެ ރަސްމީ ފޭސްބުކް ނޫނީ އިންސްޓަގްރާމް އެކައުންޓަށް މެސެޖެއް ކޮށްލުމުން އަލްބަމް ލިބޭނެ،" ނިއުމާ ބުނީ އަލްބަމް ވިއްކަން ފިހާރަތަކުގައިވެސް ނުހުންނާނެ ކަމަށާ، ނިއުމާގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް މެސެޖްކޮށްލުމުން އަލްބަމް ގަންނަން ލިބޭނެ ކަމަށެވެ.
މި ލަވަތަކުގެ ޕްރިވިއު މިރޭ ދައްކާލިއިރު އެންމެ ފާހަގަކޮށްލެވުނީ ފިލްމީތަރި އަޒޭ އާއެކު ނިއުމާ ފެނިގެންދާ ލަވައެވެ. މި ލަވައޮގެ ލިރިކްސް އިވިގެންދަނީ އެހެން ބަހަކުންނެވެ.
މިރޭ ބޭއްވި ހަފްލާގައި ފިލްމީ ދާއިރާގައި ނަންހިނގާ މަޝްހޫރު ގިނަ ތަރިން ބައިވެރިވިއެވެ. ޚާއްސަކޮށް ދާއިރާގައި ތަޖުރިބާހުރި އަންހެން ގިނަ ފަންނާނުން މިރޭގެ ހަފްލާގައި ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.
ނިއުމާގެ ސެލެބްރޭޓިން 20 އަލްބަމް އާއެކު މިރޭ ވަނީ އިތުރު ތިން ސަޕްރައިޒެއްވެސް ހާމަކޮށްފައެވެ. އެގޮތުން ނިއުމާގެ ހަޔާތުގެ މައްޗަށް ނެރޭ ނިއުމާގެ އޮތޯ ބަޔޮގްރަފީ ފޮތްވެސް ވަނީ ލޯންޗްކޮށްފައެވެ. "މައި ސްޓޯރީ" ގެ ނަމުގައި ނެރޭ މި ފޮތް ލޯންޗްކޮށްދެއްވީ ފިލްމީ ދާއިރާގައި ތަޖުރިބާކާރު ފަންނާނު އާރިފާ އިބްރާހިމްއެވެ. މި ފޮތް ލިޔަނީ އަހުމަދު ޒަރީރުއެވެ. އަންނަ އަހަރުގެ އޮކްޓޯބަރުގައި ފޮތް ނެރޭނެ ކަމަށް ނިއުމާ ބުންޏެވެ.
މިއާއެކު ދެން ނިއުމާ ދިން ސަޕްރައިޒަކީ ނިއުމާގެ ފޭނުންނަށް ވަރަށް ހިތާމަވެރި ހަބަރެކެވެ. 23 އަހަރަށްފަހު ނިއުމާ ފިލްމީ ދާއިރާއިން ރަސްމީކޮށް ރިޓަޔާވީއެވެ. ނަމަވެސް އަންނަ އަހަރު ނިކުންނަ "ނިވައިރޯޅި" ފިލްމަށް ފަހުއެވެ. މި ފިލްމުވެސް އަންނަ އަހަރު އޮކްޓޯބަރުގައި ފެންނާނެއެވެ. މި ފިލްމުގެ ވާހަކައަކީވެސް މިރޭ ލިބުނު ސަޕްރައިޒެކެވެ.
އާރޓިކަލް؛ https://sun.mv/95942
Comments
Post a Comment